ކެތި ނަކަތުގެ ވިއްސާރަ

އޭނަގެ އެ ދެލޮލުން ހާމަކުރަން ބޭނުން ނުވިޔަސް ލޯބީގެ އަސަރުތައް ފެނެއެވެ.

ގަޔާކައިރިކޮށްލުމުން ދުރު ނުކުރާށޭ ބުނާނެއެވެ.

ހިޔަވިހާ ނަކަތުގެ ހޫނުރޭތައް ނިމި ފުރަބަދުރުވައަށްތަން ދިނެވެ.

ފަސްބަދުރުވައިގެ ރޭތަކުގައި ސާފު އުޑުމަތި ބަލަން ތުނޑިކޮޅުގައި ތިބީމެވެ.

ރޭވަ ނަކަތުގެ މަސްވެރިކަމަށް ފަހު އައްސިދަ ލައިގަތް އިރު ހިތްތައް ވަނީ ބަދަލުވެފައެވެ.

ދެން ކުރިމަތިވީ ބުރުނުގެ ތޫފާންތަކާއެވެ.

އެއްވެސް އެއްޗެއް ތާއަބަދަށް ދެމިގެނެއް ނުވެއެވެ.

އަހަރުމެން ދެ މީހުންނަށް ވެސް އިނގެއެވެ. ހިތްތައް ބަދަލުވާނެއެވެ.

ކެތި ނަކަތުގެ މި ވިއްސާރަރޭ އުއްބައްތި ހިފައިގެން ބޭރަށް ދާނީ ކިހިނެއް ހެއްޔެވެ؟

ދުވަސްތަކާއި ރޭތައް ފާއިތުވެއްޖެއެވެ.

ލޯބިވެރިން ހަޔާތަށް އަންނަމުން ދެއެވެ. ބަދަލުވަމުން ދެއެވެ.

މާދަމާ ހަޔާތަށް އަންނާނީ ކާކުކަމެއް ނޭނގެއެވެ.

އަހަރެން ދެކެ ލޯބިވާނަމަ ފަސް ނުޖެހި ހާމަކުރާށެވެ.

އެހެން ނޫނީ މި ކެތި ނަކަތުގެ ވިއްސާރައިގައި ހިނގުން ހުއްޓާލަފާނަމެވެ.

މި ކަޅުފޮއެ ރެއާ މެދު ވިސްނާނެ ކަމެއް ނެތެވެ.

މާދުރުން ގެއެއްގެ ފުޅިބައްތީގެ އަލިކަން އެބަ ފެނެއެވެ.

އެއްވެސް ކަމެއް ތާއަބަދަށް ދެމިގެނެއް ނުވެއެވެ.

މި ކެތި ނަކަތުގެ ވާރޭވެސް އަދި ހުއްޓާލާނެއެވެ.

އިރު އުތުރުން ދޮނަށައިގެ ހިތްގައިމު ވައި ޖެހެން ފަށާނެއެވެ.

ފަން ރިޔަލުގައި މަހަށް ނުކުމެ އުޅޭ ދޯނިތައް ހަނި ކަނޑާ ދިމާލުން ފެންނާނެއެވެ.

via lucasjalyl

Leave a Reply

Your email address will not be published. Required fields are marked *